navLogo

ލަންކާ ރައްޔިތުންގެ ހިތްތަކުގައި ދިވެހީންނަށް ޝުކުރު: 'ދިވެހީންނަކީ ހިތްހެޔޮ ބައެއް

ލަންކާ ރައްޔިތުންގެ ހިތްތަކުގައި ދިވެހީންނަށް ޝުކުރު: 'ދިވެހީންނަކީ ހިތްހެޔޮ ބައެއް
psm news
މަރިޔަމް

ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށް ލަންކާގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފިއެވެ. އެމީހުން ބުނާ ގޮތުގައި ދިވެހީންނަކީ ހިތްހެޔޮ، އެކުވެރި އަދި އެއްބައިވަންތަ ބައެކެވެ.

ރާއްޖެއިން ލަންކާއަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން، ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން މިއަދު ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި، މާލެ ސިޓީ ކައުންސިލްގެ އެކުވެނި ކައިރީގައި ވަނީ ސުލްހަވެރި އެއްވުމެއް ބާއްވާފައެވެ. މި މުހިންމު އިސްނެގުމުގައި ލަންކާގެ ގިނަ ރައްޔިތުން ބައިވެރިވެ، ޝުކުރުގެ ޕޯސްޓަރުތައް ހިފަހައްޓައިގެން ތިއްބެވެ.

މި އެއްވުމުގެ ބޭނުމަކީ، ލަންކާއަށް ދިމާވި މޫސުމީ ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖެއިން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރުމެވެ.

މި އެއްވުމުގައި ބައިވެރިވެވަޑައިގަންނަވަމުން ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ ހިތްދަތި ދަނޑިވަޅުގައި ރާއްޖެއިން ދިން އެހީތެރިކަން ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ. އަދި އެ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި، ދިވެހި ސަރުކާރަށާއި، އަމިއްލަ ވިޔަފާރިވެރިންނަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

"ލަންކާއާއި ރާއްޖެއާ ދެމެދު މި އޮތް ގުޅުން އެއްވެސް މީހަކަށް އަދި އެއްވެސް ފަރާތަކަށް ބައިބައި ނުކުރެވޭނެ. މި ގުޅުމަކީ، ދުވަހަކުވެސް ބައިބައިވާނެ ގުޅުމެއް ނޫން. މި ސަރަހައްދުގައި ލަންކާއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމަކީ، ރާއްޖެކަން މި އެހީތެރިކަމުން ދައްކުވައިދީފި،" ސަފީރު ވިދާޅުވިއެވެ.

މި އެއްވުމުގައި ބައިވެރިވި ލަންކާ ރައްޔިތެއް ކުރެއްވި ޓްވީޓެއްގައި ވަނީ، ކަމެއް ދިމާވާ ހިނދު ދިވެހިންނަކީ އެކުވެރި އެއްބައިވަންތަ ބައެއްކަން ހާމަވެގެން ދިޔަ ކަމަށް ބުނެފައެވެ. އަދި މިވަގުތު ލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ލަންކާއަށް ނިސްބަތްވާ ހުރިހާ ބޭފުޅުންގެ ހިތްތަކުގައި ވަނީ ރާއްޖެއަށް ޝުކުރުގެ ތައުރީފާއި ހެޔޮ ދުއާ ކަމަށްވެސް އެ މެސެޖުގައި ބުނެފައިވެއެވެ.

އެއްވުމުގައި ބައިވެރިވި އިތުރު ލަންކާ ރައްޔިތަކު ވިދާޅުވީ، "ލަންކާ އަލުން ކޮޅަށް ޖެހި ގެއްލުންތަކުން އަރައިގަންނަން މަސައްކަތް ކުރަމުން މިދާ ދަނޑިވަޅުގައި، ދިވެހިންގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްބާރުލެއްވުން ލިބެމުންދޭ. މިއަދު ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުން ތިބީ ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގައި. ކުރުކޮށް ދަންނަވާނަމަ، ދިވެހީންނަށް ޝުކުރިއްޔާ! އަޅުގަނޑުމެންގެ ވަރަށްގިނަ އަދަދެއްގެ މީހުން މިއަދު މިތަނަށް ނާދެވުނީ އެކި ރަށްރަށުގައި މަސައްކަތް ކުރާތީ."

ލަންކާ ރައްޔިތުން ބުނާ ގޮތުގައި ރާއްޖެއަކީ މިހާރު އެމީހުންގެ ދެވަނަ ގެއެވެ. އަދި ކަމެއް ދިމާވެ އެހީއަކަށް ބޭނުންވާ ވަގުތު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ލަންކާ ރައްޔިތުން ވަނީ ބުނެފައެވެ.

ތޫފާން ޑިޓްވާގެ ސަބަބުން ލަންކާއަށް ކުރިމަތިވި ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ވަނީ ބޮޑެތި އެހީތައް ފޯރުކޮށްދީފައެވެ. އެގޮތުން، ރާއްޖެއިން ހަދިޔާކުރި 25,000 ކޭސް މަސްދަޅު މިއަދު ލަންކާއަށް ގެންގޮސްފައިވާއިރު، މި މަސްދަޅު ކޭސް ލަންކާއާ ހަވާލުކުރެއްވީ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަރެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ ލަންކާއަށް 50,000 ޑޮލަރުގެ މާލީ އެހީއެއްވެސް ހަދިޔާ ކުރައްވާފައެވެ.

އަދި ލަންކާއަަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށްވެސް 800,352 ޑޮލަރު ނުވަތަ 245 މިލިއަން ލަންކާ ރުޕީސް ވަނީ ލިބިފައެވެ. ޓެލެތޯނާއި، ދިވެހި ސަރުކާރުގެ އިތުރުން އަމިއްލަ ދިވެހި ވިޔަފާރިވެރިން ފޯރުކޮށްދިން އެހީތަކާއެކު ރާއްޖެއިން ލަންކާއަށް ވި އެހީތެރިކަން ޖުމްލަ 2.4 މިލިޔަން ޑޮލަރަށް އަރައެވެ.

Rate this article

Leave a Comment

Comments (0)