navLogo

ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި – ވަޒީރު

ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި – ވަޒީރު
islamic ministry
މަރިޔަމް

ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ މީޑިއާ މައުރަޒު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ނޫރާއި ހިދާޔަތު ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި މި މައުރަޒުގެ މަޤުސަދަކީ މިނިސްޓްރީން ކުރެވިފައިވާ ކަންކަން ރައްޔިތުންނާއި ހަމައަށް ގާތުން ފޯރުކޮށްދީ މިނިސްޓްރީގެ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކާއި ހަމައަށް ގެނެސްދިނުންކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ މީޑިއާ މައުރަޒު ހުޅުވައިދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވަޑައިގެންދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެކެވެ.

މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީޑިއާ މައުރަޒު މިއަދު ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް މައުރަޒު ކުރިއަށްދާނެއެވެ.

މި މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން ޝައިޚުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.

Rate this article

Leave a Comment

Comments (0)