navLogo

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ލަންކާއާ ހަވާލުކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ލަންކާއާ ހަވާލުކޮށްފި
Maldives high commission in Sri Lanka
މަރިޔަމް

ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު ނުވަތަ 245 މިލިއަން ލަންކާ ރުޕީސް، މިއަދު ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ. މި އެހީއަކީ ލަންކާއަށް އެރި ތޫފާން "ޑިޓްވާ" އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ދީފައިވާ އެހީއެކެވެ.

Loading tweet...

މި ޓެލެތޯން ކުރިއަށް ގެންގޮސްފައިވަނީ 29 ގަޑިއިރަށެވެ. ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާތަކުން ބައިވެރިވި މި ޓެލެތޯންގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިގޮތުން ކުންފުނިތަކާއި ވުޒާރާތަކާއި މުވައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން ވަނީ މި ޓެލެތޯނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އެގޮތުން، މި ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ފުލުހުންނާއި ސިފައިންނެވެ. ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާ ކުރިއިރު، ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކުރިއެވެ. ނޮވެމްބަރު 30 ވަނަ ދުވަހު ފެށި މި ޓެލެތޯނަށް ލިބުނު ފައިސާ ޕީއެސްއެމް އިން ފުރަތަމަ ހަވާލު ކުރީ ހާރިޖީ ވުޒާރާއާއެވެ. މިއަދު މި ފައިސާ ރަސްމީކޮށް ލަންކާއާ ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

މި އެހީތަކުގެ އިތުރުން، ދިވެހި ސަރުކާރުން ހަދިޔާ ކުރި 25،000 ކޭސް މަސްދަޅުވެސް މިއަދު ލަންކާ ސަރުކާރާ ވަނީ ހަވާލުކުރައްވާފައެވެ. އަދި އޭގެ ކުރިން ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރުވެސް ވަނީ ލަންކާއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކުންފުނިތަކުންވެސް ދަނީ ލަންކާއަށް އަމިއްލަ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

ލަންކާ އަށް އެރި ތޫފާން "ޑިޓްވާ" ގެ ސަބަބުން ކުރިމަތިވި ކާރިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 607 އަށް އަރާފައެވެ. އަދި ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 200 އަށް ވުރެ މައްޗަށް އަރާފައެވެ.

Rate this article

Leave a Comment

Comments (0)