navLogo

ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ފޭކު މެސެޖުތައް ދައުރުކުރާތީ ސަމާލުވުމަށް އަންގައިފި

ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ފޭކު މެސެޖުތައް ދައުރުކުރާތީ ސަމާލުވުމަށް އަންގައިފި
hajj corporation
މަރިޔަމް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފޭކު މެސެޖުތައް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މި މެސެޖުތައް ފޮނުވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގޮތުން ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ކޯޕަރޭޝަނުގެ ނަމުގައި އާންމުންގެ ފޯނުތަކަށް ފޭކު މެސެޖުތަކެއް ފޮނުވަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ހައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމަށް ހައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ ފޭކު މެސެޖުތައް ފޮނުވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން އޮޅުވާލުމެއްގެ ތެރެއަށް ވެއްދިދާނެ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުތަކުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ. އެހެންކަމުން، މިފަދަ މެސެޖުތަކަށް ނުވަތަ ފޯން ކޯލުތަކަށް އިތުބާރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޮނުވާ މިފަދަ މެސެޖުތަކާއި، ކުރާ ފޯން ކޯލުތަކަށް ސަމާލުވުމަށް އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވަން،" ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމްދީނުގެ މާތް އަޅުކަމަކާ ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދަމުން މިދާ ކަންކަމަކީ ހައްޖު ކޯޕަރޭޝަނުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ކޯޕަރޭޝަނުން ވަނީ މިފަދަ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

Rate this article

Leave a Comment

Comments (0)